ވަރަށްބޮޑު ޙަޤީޤަތެކެވެ. ތެދު
ވާހަކައެކެވެ. އެއީ 650 ދުވަސް ވަންދެން އުނގުގައި ބައިންދައިގެން ގެންގުޅުނީ
ލޯބިވާ މަންމަކަމަށްވާތީއެވެ. މުޅި ޢުމުރާއި ހުރިހާ ވަގުތެއް ދަރިންގެ
ޙައްޤުގައި ހޭދަކުރަނީ މި ބައްޕައެވެ. ވަޔާއި ވާރޭގައެވެ. ހޫނާއި ފިނީގައެވެ.
ވީއިރު އެދެމީހުން ދަރިންނަކަށް ދެރައެށް ނޭދޭނެއެވެ.
ނޫޙް ޢަލައިހިއްސަލާމަށް އީމާންވީ
މީހުން ފިޔަވައި އެހެން އެންމެން އެކީއެކަށް ހަލާކުކުރައްވަވާނޭ ކަމުގެ ޚަބަރު
މާތްﷲ ސުބްޙާނަހޫ ވަތާޢާލާގެ ޙަޟްރަތުން އައި ހިނދު، ނޫޙުގެފާނުގެ
އުފަންދަރިފުޅުވެސް އީމާން ނުވުމުގެ ސަބަބުން ޣަރަޤު ވެގެންދާނޭކަން
އެންގިވަޑައިގަންނަވާތީވެ ދަރިފުޅަށް ވިދާޅުވިވާހަކަތައް (ދަރިކަލުންނާއި ބައްޕާފުޅާއި ދެމެދު ދެކެވުނު ވާހަކަ) ކީރިތި
ޤުރްއާންގައި ބަޔާން ކުރެވިގެންވެއެވެ. މާތްﷲ ސުބްޙާނަހޫ ވަތާޢާލާ
ވަޙީކުރައްވާފައިވަނީ ((وَهِيَ تَجْرِي بِهِمْ فِي مَوْجٍ كَالْجِبَالِ وَنَادَى نُوحٌ ابْنَهُ وَكَانَ فِي مَعْزِلٍ يَا بُنَيَّ ارْكَبْ مَعَنَا وَلَا تَكُنْ مَعَ الْكَافِرِينَ)) = سورة
هود42= މާނައަކީ؛ "ފަރުބަދަތައް ފަދަ
ރާޅުތަކެއްގެތެރޭގައި އެބައިމީހުންނައިގެން (އީމާންވި މީހުންނާއިގެން)
އެނައުކޮޅު ދުވަމުންދެއެވެ. އަދި ނޫޙުގެފާނު އެނައުކޮޅާ ދުރުގައިވާ
އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވާލައްވައި ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ!
އަހަރުމެންނާއެކުގައި މިނައު ކޮޅަށް އަރާށެވެ. ކާފިރުންނާއެކުގައި
ނުވާށެވެ." އެހިނދު ބައްޕާފުޅުގެ އޯގާތެރި ނަޞޭޙަތަށް ބީރުކަންފަތެއްދީ
ބުނިވާހަކަވެސް މާތް ﷲ ސުބްޙާނަހޫ ވަތާޢާލާ ބަޔާންކުރެއްވިއެވެ. ((قَالَ
سَآَوِي إِلَى جَبَلٍ يَعْصِمُنِي مِنَ الْمَاءِ ...)) =سورة
هود 43= މާނައަކީ؛ " ދަރިކަލުން ބުންޏެވެ. ފެނުގެ
ޠޫފާނުން ސަލާމަތް ކޮށްދޭނެވަރުގެ އުސް ފަރުބަދައަކަށް އަރައިފާނަމެވެ. އީމާންވީ
މީހުންނަށްނޫނީ އެހެންއެއްވެސް ބަޔަކަށް ކާމިޔާބެއްނުވާކަން ބައްޕާފުޅަށް
އެނގެއެވެ. ވިދާޅުވިއެވެ. ((قَالَ لَا
عَاصِمَ الْيَوْمَ مِنْ أَمْرِ اللَّهِ إِلَّا مَنْ رَحِمَ )) =سورة
هود 43= މާނައަކީ؛ " އީމާންވިމީހުން ފިޔަވައި މިއަދު
ﷲގެ ޢަޛާބުން ރައްކާތެރިކަން ދޭނޭ އެއްވެސް ފަރާތެއް، އެކަލާނގެ ރަޙްމަތް
ލެއްވެވި މީހަކަށް މެނުވީނެތެވެ." ކަށަކުޅަދުންވަންތަ މާތްﷲ ސުބްޙާނަހޫ
ވަތާޢާލާގެ ވަޙީ ބަސްފުޅު ޤަބޫލުފުޅުކުރައްވާ ޙާލުގައިވެސް ދަރިފުޅަށް ބައްޕަ
ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުން މާތް ﷲ ސުބްޙާނަހޫ ވަތާޢާލާގެ ވަޙީބަސްފުޅު
ނޫޙުގެފާނު ހަނދާން ނެތުނު ކަހަލައެވެ. ނޫޙުގެފާނު މާތް ﷲ ސުބްޙާނަހޫ ވަތާޢާލާ
އަށް ދެންނެވިއެވެ. ((وَنَادَى نُوحٌ رَبَّهُ فَقَالَ رَبِّ إِنَّ ابْنِي مِنْ أَهْلِي )) =سورة
هود 45= މާނައަކީ؛
" އޭ ﷲއެވެ! ހަމަ ކަށަވަރުން ތިމަންނަގެ ދަރިކަލުންނަކީ ތިމަންނަގެ
އަހުލުންގެ ތެރެއިންވާ މީހެކެވެ." މިއީ ދަރިންދެކެ މަންމައާއި ބައްޕަ
ލޯބިވާ މިންވަރުގެ ލާމަސީލު މިސާލެކެވެ.
އެހިނދު ހަތްއުޑުމަތިން ނޫޙުعليه السلامގެ މުނާޖާ އަޑުއައްސަވާ ވޮޑިގެން މާތް
ﷲ ސުބްޙާނަހޫ ވަތާޢާލާ ވަޙީކުރެއްވިއެވެ. ((قَالَ يَا
نُوحُ
إِنَّهُ لَيْسَ مِنْ أَهْلِكَ إِنَّهُ عَمَلٌ غَيْرُ صَالِحٍ )) =سورة
هود
46= މާނައަކީ؛ "ﷲ ވަޙީ ކުރައްވައި
އެންގެވިއެވެ. އޭ ނޫޙެވެ. ހަމަކަށަވަރުން އެދަރިކަލުން ކަލޭގެފާނުގެ އަހުލުންގެ
ތެރެއިން ނުވެއެވެ. ހަމަކަށަވަރުން އެއީ (ބައްޕަގެ ނަޞޭހަތް އަޑުނޭހުން)ހެޔޮނޫން
ޢަމަލެކެވެ. " ބައްޕަގެ ބަސް އަޑުނާހާ އީމާން ނުވުމުގެ ސަބަބުން ދަރިވަންތަ
ކަމުންވެސް އެކަލާނގެ އެދަރިކަލުން މަޙްރޫމް ކުރެއްވީއެވެ. އާޚިރު ނަތީޖާ
އަކަށްވީ ޣަރަޤްވެގެން ދިޔަމީހުންނާއެކީ ވުމެވެ. ((وَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِينَ)) =سورة هود 43= މާނައަކީ؛ " އަދި އެދެބަފައިކަލުން ދޭތެރޭގައި ރާޅުތައް ހުރަސް
އެޅިއެވެ. އަދި ޣަރަޤު ކުރެވުނު މީހުންގެތެރެއިން އެދަރިކަލުންވިއެވެ."
މުޙައްމަދަކީ އޭނާގެ ގިނަވަގުތު
މަންމަމެންގެ ނުރުހުމާއެކު ގެއިންބޭރުގައި ހޭދަކުރާ 16 އަހަރުގެ ކުއްޖެކެވެ.
އޭނާ އެކިވައްތަރުގެ ރައްޓެހިންނާ އެކުގައެވެ. ތާއަބަދު މަންމައާއި ބައްޕަ
މުޙައްމަދަށް ނަސޭޙަތްތެރިވެއެވެ. އެހެންނަމަވެސް މުޙައްމަދު އޭނާގެ އުޅުމަކަށް އެއްވެސް
އިޞްލާހެއް ނުގެނެއެވެ.
ދަރިފުޅު ކިތަންމެ ދަންކޮށްފައި
ގެއަށްއަޔަސް އެދަރިޔަކަށްޓަކައި ފުރާނަވެސް ޤުރުބާންކުރަން ހުރި މަންމަ ހޭލާ
ދަރިފުޅުގެ އިންތިޒާރުގައި އިނދެއެވެ. ކާއެއްޗެހި ތައްޔާރުކޮށްގެންނެވެ. ރޭތައް
ތަކުރާރުވަމުން ދެއެވެ. މުޙައްމަދުގެ އުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
މުޙައްމަދު އެއް ރެއެއްގެ
މެންދަމު ގެއަށް އައުމުން މަންމަ ބުންޏެވެ. ދަރިފުޅާއެވެ! ތިހާ ދަންކޮށްފައި
ގެއަށް އަންނަނަމަ ދެން ގެއަށް ނާންނާށެވެ. ނުކިޔަމަންތެރި މުޙައްމަދު މަންމަގެ
މަޤާމް ހަނދާން ނައްތާލިއެވެ. މަންމަގެ މައްޗަށް އާދައިގެމަތިން އޭނާގެ އަޑު
ގަދަ ކުރިއެވެ. އަދި މަންމަގެ ކަންކަށިމަތީގައި ޖެހިއެވެ. ﷲގެ ވަޙީބަސްފުޅުވެސް
ހަނދާންނައްތައިލީއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((فَلَا
تَقُلْ
لَهُمَا أُفٍّ وَلَا تَنْهَرْهُمَا)) =
سورة الإسراء 23 = މާނައަކީ؛ " އެދެމީހުންނަށް "އުފް"
ވެސް ނުބުނާށެވެ. އަދި އެދެމީހުންގެ މައްޗަށް އަޑުހަރުކޮށް އަޑުލައި
ނަހަދާށެވެ."
މަންމަ ހިތުގައި އިތުރުވޭނާއި
ކެކުޅުން އުފެދުނެވެ. މަންމަގެ އެ އުދާހަށް މިއަދަކު ކެތްތެރިކަމެއް ނުދެވުނެވެ.
އޯގާތެރި މަންމަގެ ކެތްތެރިކަން ކޮޅުންލިއެވެ. ދަމުނަމާދުގައި މުޙައްމަދަށް އޭގެ
ބަދަލުދެއްވުންއެދި މަންމަ ﷲ އަށް ދުޢާ ދެންނެވިއެވެ. އާއެކެވެ! ދަރިންނަށް
ކުޑަވެސް ގެއްލުމެއް ލިބުމަށް މަންމަމެން ނޭދެއެވެ. އެހެން ނަމަވެސް
މުޙައްމަދުގެ ވިޔާނުދާ އެ ޢަމަލުތަކަށް ކެތްނުކުރެވިގެން ދުޢާ ކުރެވުނީއެވެ.
އާދައިގެމަތިން ހެނދުނުގެ ނާސްތާ
ތައްޔާރުކޮށްގެން މުޙައްމަދުގެ އިންތިޒާރުގައި މަންމަ އިނެވެ. އިރުއިރުކޮޅާއި
ފާރުގައި ހުރި ގަޑިޔަށް މަންމަ ބަލައިލައެވެ. މާލަސްވެއްޖެއެވެ. ބިރުންހުރެ
ކޮޓަރީގައި ޓަކިޖަހާލިއެވެ. މުޙައްމަދުގެ އެ ޖެހުމުން މަންމަވަނީ
ބިރުގެންފައެވެ. ދެން އަންނާނީ ކޮނަފަދަ ޙަމަލާއެއްކަންވެސް ނޭނގޭތީއެވެ.
ކޮންމެއަކަސް ޚަބަރެއްނުވެ ލަސްވާތީ "ޑަބަލް" ތަޅުދަނޑި ގެނެސްގެން
ދޮރު ހުޅުވާލިއެވެ. ގަޑިން ދުވާލު 10 އެއް ޖެހީއެވެ. މުޙައްމަދުއަށް އޮތީ
ރޮވިރޮވިއެވެ. ޙަރަކާތް ކެނޑިފައެވެ. ކޮންމެވެސް ވަރަކަށް ވާހަކަދެއްކުން ފިޔަވައި
އެހެންއެވެސް ޙަރަކާތެއް ނުކުރެވެއެވެ. މުޙައްމަދުވަނީ ވާގިނެތިފައެވެ.
ޒައްރެއްގެ މިންވަރުވެސް ގެއްލުމެއް ލިބުމަށް ނޭދޭ މަންމަގެ ކެތްތެރިކަން ކޮޅުން
ލައިގެންގޮސް އެދެންނެވި ދެންނެވުން ﷲ އައްސަވައި އިޖާބަ ކުރެއްވިއެވެ.
މަންމާއެވެ! ފެންފޮދެއް
ގެނެސްދީބަލާށެވެ. މުޙައްމަދު ބުންޏެވެ. މަންމަ އަވަސް އަވަހަށް ފެންތަށްޓެއް
ހިފައިގެންގޮސް ދިއްކޮށްލުމުން ބުންޏެވެ. މަންމާއެވެ! އަހަންނަށް މަޢާފް
ކުރާށެވެ. މަންމަ އަތުން ފެންތަށި ދޫވެގެން ވެއްޓިއްޖެއެވެ. މުޙައްމަދުވަނީ މި
ދުނިޔެއަށް ޢަލްވަދާޢު ކިޔާފައެވެ. ފެންބޮވައިގެންފައިވާ ޙާލުގައެވެ.
މުޙައްމަދުގެ އެދުމަށް މަންމައަށް ޖަވާބުވެސް ނުދެވެނީހެވެ.
ވީމާ މަންމަގެ އޯގާތެރި
ނަޞޭޙަތާއި ބައްޕަގެ ހެޔޮބަސް އަޑުއަހާށެވެ. މުޙައްމަދު ފަދަ ދަރިޔަކަށް ނުވެ
މަންމައާއި ބައްޕަގެ ރުހުމުގައި އެމީހުން ހިތްހަމަޖެހޭފަދަ ގޮތަކަށް ޙަޔާތުގެ
ދުވަސްތައް ހޭދަކުރާ ހެޔޮލަފާ ބަޔަކަށް ވަމާ ހިނގާށެވެ.
ނޯޓް: މަންމަވެސް ބައްޕވެސް ރުހުމުގައިވެސް
ނުރުހުމުގައިވެސް ބަދުބަހެއް ދަރިންނަށް ރައްދުވާގޮތަށް ނުބުނާށެވެ.
(މިސާލަކަށް: ބަލާއެކޭ، މުޞީބާތެކޭ، ތިއޮތީ ކިޔެވިފައޭ މިފަދަ ބަސްބަހެވެ. ސަބަބކީ
މައިންބަފައިންގެ މިފަދަ ބަދު ބަސްތައް ﷲ އިޖާބަކުރެއްވުމަކީ ދުރުގައިވާ
ކަމަކަށް ނުވާތީއެވެ)
|
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ