ދުނިޔޭގައި
ތިބާއީ ގަހެއްގެ ހިޔަލުގައި އަރާމުކޮށްލުމަށް މަޑުކުރުމަށްފަހު އެތަން ދޫކޮށްދާ
މީހެކޭ އެއްފަދަ މީހެކެވެ. ދުނިޔެއަކީ ތިބާގެ ދާއިމީ
ގޮވައްޗެއްނޫނެވެ. އެތަނުން ތިމާ
ކޮންމެ އެއްޗެއް ޙާޞިލުކުޅަޔަސް އެއެއްޗަކާއި ދާދި
އަވަހަށް ވަކިވާން ޖެހިދާނެއެވެ. އަދި
އެތަނުން ތިމާ ދަތި އުނދަގުލުން ބިންކޮޅެއް
ޙާޞިލުކޮށް އެތަނުގައި
ޢިމާރާތްކޮށްލުމުގެ ކުރީން ވަކިވާންޖެހިދާނެއެވެ. އަދި
އެތަނުން ތިމާ އެތަށް ފައިސާއެއް
ޚަރަދުކޮށް އެތައް އޮޅިއެއް ގިރާކުރުމަށްފަހު
ރީތިނުފޫޒުގަދަ އަންބަކު
ޙާޞިލުކުރުމަށްފަހު ރޭކުރުމުގެ ކުރީން އޭނާއާއިވެސް
ވަކިވާން ޖެހިދާނެއެވެ. ދެން
ތިބާއަށްފަހު އެއަންހެން މީހާ އެހެން މީހަކާ އިނދެގެން
އުފަލުގައި ދިރިއުޅޭނެއެވެ.
ތިބާމަތީން
ހަނދާނެއް ނުކުރާނެއެވެ. ތިބާ ޚަރަދުކުޅަ
ފައިސާއާއި ކުރި މަސައްކަތުގެ ކުޑަވެސް
އަރާމެއް ފޮނިކަމެއް ލިބިއްޖެހެއްޔެވެ؟ ދުނިޔެއަކީ އެކަހަލަ ތަނެކެވެ.
ދުނިޔޭގައި ތިބާކުރާ މަސައްކަތުގެ ފޮނިވެސް ބޯނީ
މުޅީން އެހެން ބަޔެކެވެ. އޭގެ ފޮނިބޯން
ދެންތިބިބަޔަކީ ތިބާގެ އަނބިދަރީންނެވެ. ނުވަތަ ގާތްތިމާގެ މީހުންނެވެ. ތިބާ
އެދަރީން ތަރުބިއްޔަތުކޮށްފައިވަނީ ދުނިޔޭގެ
ދަޅަދައްކައިގެން ތަނަވަސްކަމުގައެވެ.
ތިބާ އަދާކުރީ ހުއްދަނޫން ވަޒީފާތަކެވެ. އަދި
ތިބާ އެދަރީންނަށް ކާންދީފައިވަނީ
ޙަރާމް ތަކެއްޗެވެ. އެހެންވެ އެމީހުން އުޅެނީ
އެއްވެސް ހަމައެއް ލަމައެއްނެތިއެވެ.
ޑްރަގް ނަގަނީ އިންތިހާ އަށެވެ. ވައްކަން
ކުރަނީ އެހާމެ ބޮޑަށެވެ. އަދި ޒިނޭކޮށް
ނުބައި ޢަމަލުތައް ކުރަނީ ހަމައެވަރަށެވެ.
ތިމާ މަރުވެދިޔުމަށްފަހު ފައިދާކުރާނޭ
ކަމެއްކަމުގައި ތިމާ ޞާލިޙު ގޮތުގައި ބޮޑުކުޅަ ދަރީން ހިމެނެއެވެ. ވުމާއެކު
ތިމާ ނުބައިގޮތުގައި ދަރިޔަކު ބޮޑުކޮށްފިނަމަ
ތިމާއަށް ގެއްލުން ކުރާނޭ
ކަމެއްކަމުގައި އެކަން ނުވާނެހެއްޔެވެ.
ޖަނާޒާގައި
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންގުޅުއްވި އުޞޫލަކީ އެންމެ ހެޔޮ
އުޞޫލެވެ. އެގޮތުން މައްޔިތާއަށް ހެޔޮކޮށް ހިތުމާއި، އޭނާގެ ކައްވަޅުގައްޔާއި
އާޚިރަތަށް އެނބުރިދާ ދުވަހު އޭނާއަށް ފައިދާކުރާނޭ ގޮތުން އޭނާއާއި މެދު
މުޢާމަލާތްކުރުމާއި، އެމައްޔިތާގެ އަހުލުންނާއި ގާތްތިމާގެ މީހުންނަށް
އިޙްސާންތެރިވުމާއި، ދިރިދެމިވޮޑިގެންވާ އިލާހަށް އަޅުކަން ޤާއިމްކުރުން ފަދަ ކަންކަން
ހިމެނިގެންވެއެވެ.
އެހެންކަމުން
ޖަނާޒާގައި ވާރިދުވެފައިވާ އެކަލޭގެފާނުގެ މަގަކީ ﷲތަބާރަކަ ވަތަޢާލާގެ
ޙަޟްރަތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅުކަން ޤާއިމްކުރުމާއި، މައްޔިތާއަށް
އިޙްސާންތެރިވުމާއި، އޭގެ އެންމެ ރިވެތިކަންބޮޑު އަދި މާތްކަން ބޮޑުގޮތުގައި
އެމައްޔިތާ ހިނަވައި ކަފުންކޮށް ތައްޔާރުކުރުމާއި، އެކަލޭގެފާނާއި އެކަލޭގެފާނުގެ
އަޞްޙާބުން ﷲ ތަޢާލާގެ ޙަޟްރަތަށް ޙަމްދުކޮށް އެމައްޔިތާއަށް އިސްތިޣްފާރުކޮށް
ފާފަފުއްސަވައިދެއްވުމަށާއި މާފުކޮށްދެއްވުމަށް އެދި ދަންނަވަން ކޮޅަށް
ތިއްބެވުމާއި، އެމައްޔިތާއަށްޓަކައި ކޮނެވިފައިވާ ވަޅުގަނޑުގައި އޭނާ ފަސްދާނުލެވިއްޖެއުމަށް
ދާންދެން އެމައްޔިތާގެ ކުރިމަތީން ހިންގެވުމާއި، އޭނާއަށް
ޘާބިތުކަން ދެއްވައިތޯ އެދިވަޑައިގެން
ދުޢާކުރެއްވުމަށް އެކަލޭގެފާނާއި އެކަލޭގެފާނުގެ އަޞްޙާބުން
ކަށްވަޅުދޮށުގައި ތިއްބެވުން ފަދަކަންތައްތައް
ހިމެނެއެވެ.
ދެން އެއަށްފަހު
އޭނާގެ ޤަބުރުދޮށަށް ޒިޔާރަތްކުރުމަށާއި އޭނާއަށް ސަލާމް
ގޮވުމަށާއި އޭނާއަށް ހެޔޮ ދުޢާކުރުމަށް
އެންގެވިއެވެ. ދިރިހުރެ މީހަކު ދުނިޔޭގެ ގޮވަތީގައި އޭނާގެ އެކުވެރިޔާގެ
ކައިރިޔަށް ޒިޔާރަތްކުރާ ފަދައިންނެވެ. އެގޮތުން
އެންމެ ފުރަތަމަ އޭނާގެ މަރުބަލީގައި
ޒިޔާރަތްކުރުމާއި، އޭނާއަށް އާޚިރަތް ހަދުމަކޮށްދިނުމާއި،
ވަޞިއްޔަތްކުރުމަށާއި ތަވްބާވުމަށް އަމުރުކުރުމާއި، އޭނާގެ އެންމެ
ފަހުބަހަކީ "ﷲ ތަޢާލާ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު
ނުވެޔޭ" މިކަލިމަ ކަމުގައި ހެދުމަށްޓަކައި ބަލިމީހާގެ ކައިރީގައި ހުރެއްޖެމީހާ
އޭނާއަށް ޝަހާދަތް ލައިދިނުމަށް އަމުރުކުރެއްވިއެވެ.
މަރުވުމަށް ފަހު
އަލުން ދިރުއްވާނޭ ކަމާއި ޤިޔާމަތްވާނޭކަން ޤަބޫލު ނުކުރާ
މީހުންގެ އާދަތަކުގައިހިފުން
އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް
ނަހީކުރެއްވިއެވެ. އެބައިމީހުން
މޫނުމަތީގައި ތަޅައި ފޭރާން ވީދައި ބޯބާލައި
އަޑުންއަޑުނަގައި ރޮއެ ހަޅޭލަވައި
އުޅެއެވެ. އެފަދަ ކަންތައްތައް ނުކުރުމަށް
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަން
އެންގެވިއެވެ. އަދި މައްޔިތާއަށްޓަކައި ބިރުވެތިވުމާއި، އަޑު ނުއިއްވައި
ރުއިމާއި، ހިތުން ހިތާމަކުރުމަކީ އެންމެ ރަނގަޅު
ކަމެއްކަމުގައި އުއްމަތަށް
ދެއްކެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "ލޮލުން ކަރުނަ އަޅައެވެ. އަދި
ހިތް ހިތާމަ ކުރެއެވެ. އަދި އައްރައްބު (ﷲތަޢާލާ) ރުއްސަވާ އެއްޗެއް މެނުވީ
އަހުރެމެން ނުބުނާހުށީމެވެ."
މިއަދު
އަޅުގަނޑުމެންކުރެ ގިނަބަޔަކު ވަނީ ޖަނާޒާއާއި އެނޫން ހުރިހައި އަޅުކަމެއްގައިވެސް
އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ހިންގެވި މަގާއި ދުރުހެލިވެފައެވެ.
ޢިލްމު އުނގެނުމުން އެއްކިބާވެގެންވާ ކަމުންނެވެ. ޚާއްޞަކޮށް ޙަދީޘް ޢިލްމާއި
ސުންނަތެވެ. އޭގެބަދަލުގައި އެއުރެންކުރެ ގިނަ ބަޔަކު ވަނީ މާއްދީ ޢިލްމުތަކާއި
ދިމާއަށް މިސްރާބު ޖަހާފައެވެ. އަދި "އެބައިމީހުންގެ ހަނދާންތަށް ދުވަހަކުވެސް
ހިތަކުން ނުފިލާނޭ" ބުނަމުން އެބައިމީހުންގެ ކައްވަޅުތަކުގެ މަތީގައި ހިނގައި،
ދުވެހަދައި، ކުޅިވަރުކުޅެ، ގެދޮރު ޢިމާރާތްކޮށް، ވަޅުބަހައްޓައި، މިސްކިތް ބިނާކޮށް، އަދި
ނުވިތާކަށް ޤަބުރުސްތާންތަކުގެ ސަރަޙައްދީ ފާރުތައް ނަގައި އުކާލަމުއެވެ.
އެތަންތަން ނައްތާލުމުގެ ބޭނުމުގައެވެ. އެތަންތަނުގެ
ކަންކަނުގައްޔާއި ފަރާތްތަރާތުގައި
ސައިޓުތަކާއި ސިނަމާތައް ހަދަމުއެވެ. އަދި
ނަންނުކިޔަސް ޖުވާޚާނާތަކާއި
ފިނިމައިޒާންތައް ހަދަމުއެވެ. އަދި އިލެކްޓްރިކާއި
މުވާޞަލާތީ ސްޓޭޝަންތައްވެސް
ޤާއިމުކުރަމުއެވެ. ސަހަރޯއެވެ! އަހަރުމެންގެ
ތިމާގެމީހުން ވަޅުލެވިފައިވާ
ސަހަރާތަކެވެ. އަސްތާ މަގޭ ބައްޕަގެ ޤަބުރުމަތީގައި
މިވަނީ ރާޒުވާ އަށްޓެކެވެ. އެހުރީ
ބިންދައިގެން ގޮސްފައިވާ މަންމަގެ ކަށިތަކުގެ
އެއްބަޔެވެ. އަނެއްބައި
ވީނުވީތަނެއްވެސް ނޭނގެއެވެ. އަހަރެން އަދި މިއައީ މަންމަގެ ޤަބުރުދޮށަށް
ޒިޔާރަތްކޮށްލާށެވެ. ނަމަވެސް ޙާލުހުރިގޮތް ފެންނަން މިހުރީއެވެ. ހާދަހާވާ
ދެރައެވެ. މިދެންނެވިކަހަލަ ކުޅިވަރެއްކުޅެލަން ތިބާއެތާނގައި ވަނިކޮށް ތިބާއާއި
ޝައިޠާނަކު އަޅައިނުގަންނާނެކަމުގެ ގެރެންޓީ އެބައޮތްހެއްޔެވެ؟ ބަލަ އެއީ ޝައިޠާނުތައް
އެންމެ ގިނައިން އުޅޭއެންމެ ނާމާންކަންބޮޑު އެއްތަނެވެ. ވަރަށް ރަނގަޅު
ތަޤްވާވެރިންނަށް ނޫނީ އެސޮރުމެންގެ ކިބައިން އަމާންކަން ލިބިގެނެއް ނުވެއެވެ.
އެތަނުން ތިބާއަށް ވަސްވާސްވެރިކަމެއް ލައިގަނެއްޖެނަމަ އެކަހަލަ ބިރުވެރިކަމަކުން
ސަލާމަތްކޮށްދޭނޭ ދުވަސްވީ، ތަޖުރިބާހުރި ކަހީނަކު ނުވަތަ ޔާރަކު ވަނީހެއްޔެވެ؟
އެސޮރުމެން ތިބާއާއި އެކު ނުވަތަ ތިބާގެ ދަރިއާއެކު އެތައް އަހަރަކު އުޅުނަސް ތިބާ
ކުރާނޭ މާބޮޑު ކަމެއް ނޯންނާނެއެވެ.
އޭ ޣާފިލުވެގެންވާ އަޚުންނާއި
އުޚްތުންނޭވެ! ތިބާމެންގެ ޤަބުރުތަކަށްވެސް
މިހެންވާން އެދެމުހެއްޔެވެ؟
ނޭދޭކަމަށްވަނީނަމަ އެހެންމީހުންނާއި މެދުވެސް
ރަޙުމްވެރިވާށެވެ! ހަމްދަރުދީވާށެވެ!
އޯގާވެރިވާށެވެ! ކުލުނާއި ލޯބި އޮންނަންވާނީ
ހަމައެކަނި ތިމާގެ އަނބި ދަރީންނާއި
މައިން ބަފައިންނާއި ތިމާގެ މީހުންނަށް އެކަންޏެއްނޫނެވެ. ތިމާއާއި އެކުގައިވާ
އެންމެހައި އަޚުންނާއި އުޚްތުންނަކީވެސް ތިމާގެ ލޮބުވެތީންކަމުގައި ހަދާށެވެ!
ރަޙުމް ނުކުރާ މީހަކަށް ﷲތަޢާލާ ރަޙުމްވެރިވެވޮޑިއެއް ނުގަންނަވާނެއެވެ.
ޤަބުރުސްތާނުގައި ކުރުން ޙަރާމް އެތައް
ކަމެއް ހުރެއެވެ. އޭގެތެރޭގައި ވަޅުންނަގާ ފަހުގެ އިތުރަށް ފަސްއަޅައި
އުފުލުމާއި، ކަށްވަޅުތަކުގެ ކައިރި ރޭނުމާއި، އުވައާއި ސިމެންތި ޖެހުމާއި،
އޭގެމަތީގައި ލިޔުމާއި، އޭގެމަތީގައި ބިނާކުރުމާއި، ޑިޒައިން ކޮށްފައިވާ
މަހާނަގާޖެހުމާއި، އޭގެމަތީގައި އިށީނދެ އުޅުންފަދަ ކަންތައްތައް ހިމެނެއެވެ.
ޖާބިރު ރަޟިޔަﷲ ޢަންހުގެ އަރިހުން އިމާމް
މުސްލިމާއި އަބޫދާވޫދު އަދި
އައްނަސާއީއާއި އަލްބައިހަޤީ ރިވާކުރެއްވިއެވެ.
"ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމް، ޤަބުރުގައި ޕްލާސްޓަރ ޖެހުމާއި، އަދި އޭގެމަތީގައި
ބިނާކުރުމާއި، (ނުވަތަ އޭގެ މައްޗަށް އެއްޗެއް އިތުރުކޮށް
އުފުލުމާއި)، (ނުވަތަ
އޭގެމަތީގައި ލިޔުން) ނަހީކުރެއްވިއެވެ. އަދި އަބޫ ސަޢީދިލް ޚުދްރީ ރަޟިޔަﷲ
ޢަންހުގެ އަރިހުން އިބްނު މާޖާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ހަމަކަށަވަރުން ނަބިއްޔު ޞައްލަﷲ ޢަލައިހި ވަސައްލަމް ޤަބުރު މަތީގައި
ބިނާނުރުން ނަހީކުރެއްވިއެވެ." ނަމަވެސް އެތަންތާގެ މަތީގައި
ކޮށްލެވިފައިވާ ޢިމާރާތްތައް ދެކޭށެވެ!
އެއްވެސް ޙާލެއްގައި ކައްވަޅުތަކަކީ
ފަސްގަނޑު އުފުލާފައިވާ ފަރުބަދަތަކެއްފަދަ
ތަންތަން ކަމުގައި ވެގެން ނުވާނެއެވެ.
މުޢާވިޔާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
"ހަމަކަށަވަރުން
ޤަބުރުތައް ހަމަހަމަކުރުމަކީ ސުއްނަތުގެ ތެރެއިންވާ ކަމެކެވެ."
މީސްމީހުން އެތަނަށްގޮސް އިށީނދެ
ތިބުމާއި އެތަނުގެ މަތީގައި ހިނގާ ބިނގާވާ
އިރަކު އޭގެހުރި ބިރުވެރިކަން
ނުދެނެހުއްޓެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ
އަރިހުން ރިވާވެގެންވެއެވެ. ރަހޫލު ﷲ
ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
"ތިޔަބައިމީހުން ކުރެ މީހަކު ޤަބުރެއްގެ މަތީގައި
އިށީނުމަށްވުރެ (އެހެން ރިވާޔަތެއްގައި
: ފައިއެޅުމަށްވުރެ) އަނގުރުގަނޑެއް މަތީ
އިނދެގެން އޭނާގެ ފޭރާން އަނދައިގެންގޮސް
އޭނާގެ ހަންގަނޑާޖެހި އޭގެ މަތީގައި އިނުންވެސް މާރަނގަޅުވާ
ހުއްޓެވެ." (ރަވާހު މުސްލިމް ވައަޙްމަދު) އަދި ޢުޤްބާ ބުނު ޢާމިރު ރަޟިޔަ ﷲ
ޢަންހުގެ އަރިހުން އިބްނު އަބީ ޝައިބާއާއި އިބްނު މާޖާ ނެރުއްވި ޙަދީޘެއްގައިވެއެވެ.
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. "މުސްލިމެއްގެ ޤަބުރުމަތީގައި ހިނގުމަށްވުރެ އަނގުރެއް ނުވަތަ
ކަނޑިއެއްގެމަތީގައި ހިނގުން، ނުވަތަ ތިމަންކަލޭގެފާނުގެ ފައިން
ތިމަންކަލޭގެފާނުގެ ފައިވާން ހެދުންވެސް، ތިމަންކަލޭގެފާނަށް
މާލޮބުވެތިކަން ބޮޑެވެ."
ކައްވަޅުތަކާއި ދިމާއަށް ތިބެގެން
ނަމާދުކުރުމަކީ އަޅުގަނޑުމެންނަށް ނޭނގިނަމަވެސް ކުރެވޭ ވަރަށް ނުބައި
ޢަމަލެކެވެ.
އަބޫމަރްޘަދުލް ޣަނަވީ ރަޟިޔަ ﷲ ޢަންހު
ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް
ޙަދީޘްކުރައްވަނިކޮށް އަޑުއެހީމެވެ. "ޤަބުރުތަކާއި ދިމާއަށް ތިބެގެން
ތިޔަބައިމީހުން ނަމާދު ނުކުރާށެވެ! އަދި އެތަނުގެ މަތީގައި ނުވެސް އިށީނާށެވެ!
(ރަވާހު މުސްލިމް).
އަދި ކައްވަޅާއި ދިމާއަށް ކުރިމަތި
ނުލައިވިއަސް ކަށްވަޅު ކައިރީގައި ނަމާދުކުރާ
މީހުންވެސް ހަމަ ބައިވަރެވެ.
ޤަބުރުސްތާނެއް ކަމަށްވިޔަސް ނުވަތަ ގުއިފުންޏެއްކަމަށްވިޔަސް އެމީހަކާ
ޖެހުނުތަނެއްގައި ނަމާދު ކުރަން ފަސްޖެހެނީ
ކިތައް ކިތައް މީހުންތޯއެވެ؟ ނަމަވެސް
އެމީހުން ކޮންމެ ކޮންމެ ތަނެއްގައި ދިރިއެއްނޫޅެއެވެ. އުޅެންވަނީ ބޮޑެތި
މޮޅެތި ތަންތަނުގައެވެ. އައްނަސާއީ ފިޔަވައި
އެހެން ހުރިހައި ސުނަނުގެ އަހުލުވެރިން
ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. އަބޫ ސަޢީދިލް ޚުދްރީ ރަޟިޔަ ﷲ ޢަންހު
ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި
ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
"މުޅި ބިމާއި މިސްކިތެވެ. ޤަބުރުސްތާނާއި ފާޚާނާ
ފިޔަވައެވެ." އަދި އަނަސް ރަޟިޔަ
ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ.
"ހަމަކަށަވަރުން
ނަބިއްޔު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޤަބުރުތަކުރެ ދެމެދު ނަމާދުކުރުން
ނަހީކުރެއްވިއެވެ." (ރަވާހުލް ބައްޒާރު)
ފިރިހެނުން ސުންނަތް ނަމާދު ކުރަންވާނީ
ގޭގައެވެ. އަދި އަންހެނުން ފަރްޟާއި ސުއްނަތްވެސް ކުރަންވާނީ ގޭގައެވެ.
މޮޅުއިތުރު ގޮތަކީ އެއީއެވެ. ނަބިއްޔު ޞައްލަ ﷲ
ޢަލައިހި ވަސައްލަމްގެ އަރިހުން އިބްނު
ޢުމަރު ރަޟިޔަ ﷲ ޢަންހު ރިވާކުރެއްވިއެވެ.
"ތިޔަބައިމީހުން
ކުރާ ނަމާދުން ބައެއް ތިޔަބައިމީހުންގެ ގެތަކުގައި
ކުރާކަމުގައިވެސް ހަދާށެވެ! އަދި
އެތަންތަން ކަށްވަޅުތަކަކަށް ނުހަދާށެވެ!"
(އަޚްރަޖަހުލް ބުޚާރީ) ވީމާ ރަސޫލު ﷲ ޞައްލަ
ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންގެ
ގެތައް ޤަބުރުސްތާނުތަކެއް ކަމުގައި ނުހަދާށެވެ!
ހަމަކަށަވަރުން ޝައިޠާނާ، އެގެއެއްގައި
ބަޤަރާ ސޫރަތް ކިޔެވޭ ގެޔާއި ދުރަށް ދާނެތެވެ." (އަޚްރަޖަހޫ މުސްލިމް)
ވުމާއެކު ގިނަގިނައިން ޤުރްއާން ކިޔެވުމުން
އެސޮރުމެން ފިލައި ރައްކާވާނެކަން
ތިބާއަށް އެނގިއްޖެނޫންހެއްޔެވެ؟
ޤަބުރުސްތާނު މަތީގައި މިސްކިތް
އެޅުމަކީވެސް ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ
ކަމެކެވެ. އަދި މިކަމަކީ
އަޅުގަނޑުމެންގެ ރާއްޖޭގައި ވަރަށް ޢާއްމުވެފައިވާ
ކަމެކެވެ. އެކަމަކީ އެބައެއްގެ ކިބައިން
ރަޙްމަތް ދުރުކުރެއްވޭނޭ ކަމެކެވެ. ޢާއިޝާ
ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެގެން
ވެއެވެ. އެއާލާސްކަންފުޅަކުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް
ތެދުވެވަޑައިނުގަންނަވާ އާލާސްކަންފުޅުގައި
އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
"އެބައިމީހުންގެ ނަބިއްޔުންގެ ޤަބުރުތައް
މިސްކިތްތަކުގެ ގޮތުގައިހެދި
ޔަހޫދީންނާއި ނަޞާރާއިންނަށް ﷲ ތަޢާލާ ލަޢްނަތް
ލެއްވިއެވެ." (އަޚްރަޖަހުލް
ބުޚާރީ) ދެން އެކަމަނާ ވިދާޅުވިއެވެ. އެކަން ނުވިނަމަ
އެކަލޭގެފާނުގެ ޤަބުރުވެސް ފާޅު
ކުރެވުނީހެވެ. އެހެންނަމަވެސް މިސްކިތެއްގެ
ގޮތުގައި ހެދިދާނެ ކަމުގެ
ބިރުހީވީއެވެ.
އަދި ޖުންދަބު ރަޟިޔަ ﷲ ޢަންހުގެ
އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔު ޞައްލަ ﷲ
ޢަލައިހި ވަސައްލަމް
އަވަހާރަވެވަޑައިގަތުމުގެ ކުރީން ފަސްކަމެއް ވިދާޅުވަނިކޮށް އަޑުއެހީމެވެ.
"...ދަންނާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީހުން އެބައިމީހުންގެ
ނަބިއްޔުންނާއި ޞާލިޙުންގެ ކަށްވަޅުތައް މިސްކިތްތަކަކަށް ހެދިއެވެ. ދަންނާށެވެ!
ފަހެ ތިޔަބައިމީހުން ކަށްވަޅުތައް މިސްކިތްތަކުގެ ގޮތުގައި ނުނަގާށެވެ! ހަމަކަށަވަރުން
ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އެކަން ނަހީކުރައްވަމެވެ. " (އަޚްރަޖުހޫ
މުސްލިމް) އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މައްޗަށް ވެރިޔަކުކަމަށް ބުނާ މީހަކު
އަމުރުކޮށްފިނަމަ ކިޔަމަންތެރިވާ، އަދި ﷲ ތަޢާލާއާއި އެއިލާހުގެ ރަސޫލުގެ
އަމުރުފުޅުތަކަށް ނުކިޔަމަންތެރިވާ ބަޔަކީމުއެވެ. އެހެންވެއްޖެނަމަ އަޅުގަނޑުމެން
ވާނީ ހާދަ ނުބައި ބަޔަކަށެވެ. ޢަބްދުﷲ ބުނު މަސްޢޫދު ރަޟިޔަ ﷲ ޢަންހުގެ
އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
"ހަމަކަށަވަރުން އެބައިމީހުން ދިރިތިއްބާ ޤިޔާމަތްވާ މީހުންނާއި، ކައްވަޅުތައް
މިސްކިތްތަކުގެ ގޮތުގައި ނެގި މީހުންނީ މީސްތަކުންކުރެ އެންމެ ނުބައި މީހުންނެވެ."
(އަޚްރަޖަހޫ އަޙްމަދު)
ކަށްވަޅުތައް ޢީދެއްކަމުގައި
ނުހެދުމަށްވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމް އެންގެވިއެވެ.
"ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ޤަބުރު
ޢީދެއްކަމުގައި ނުހިފާށެވެ! އަދި
ތިޔަބައިމީހުންވީ ކޮންމެ ތަނެއްގައި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް
ކިޔަވާށެވެ! ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞަލަވާތްތައް
ތިމަންކަލޭގެފާނާއި ހަމައަށް ފޯރައެވެ." (އަޚްރަޖަހޫ
އަބޫދާވޫދު)
ޤަބުރުގެ ކަށިތައް ބިންދުމަކީ ނުހަނު
ބޮޑު ފާފައެކެވެ. ފަހެ އެކަމާބެހޭގޮތުން އެކަލޭގެފާނު ޞައްލަ ﷲ ޢަލައިހި
ވަސައްލަމްގެ އަރިހުން މިފަދައިން އައިސްފައިވެއެވެ.
"ހަމަކަށަވަރުން މުއުމިނާ މަރުވެފައިވާ ޙާލު ކަށްޓެއް ބިނދުމަކީ އޭނާ
ދިރިހުއްޓައި ކަށިބިނދުން ފަދަ ކަމެކެވެ." (އަޚްރަޖަހޫ ބުޚާރީ)
ޢިލްމުގެ އަހުލުވެރީން ވިދާޅުވާ
ގޮތުގައި ޤަބުރުތަކުގެ ކައިރީގައި ބައްތިތައް
ޖެހުމާއި މުސްލިމާގެ ޤަބުރު ކޮނުމީވެސް
ހުއްދަކަމެއް ނޫނެވެ. ނަމަވެސް އީމާންނުވާ
ކާފިރުތަކުންގެ ޤަބުރުތައް ކޮނެ ނެގުން
ހުއްދައެވެ. އެހެނީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް މިސްކިތް
ބިނާކުރެއްވިއިރު އެތަނުގައި ހުރި މުޝްރިކުންގެ
ޤަބުރުތައް ކޮނެނަގަން އަމުރުކުރެއްވިއެވެ.
އަޚާއެވެ! އުޚްތެވެ. ދެބަސްވުމާއި
އަރާރުންތައް ގިނަ މިހަލަބޮލި ތަނުން ތިބާ
ޙާޞިލްކުޅަ ތަކެއްޗާއިގެން ތިބާ މަޣްރޫރުވެފައި
ވަނިކޮށް މަލަކުލްމަވްތު ވަޑައިގެންފާނެއެވެ. ނިކުންނާށެވެ!
އެނިކުތީއެވެ. ގަދައެއްނުދެއްކޭނެއެވެ. އެހިނދު
ތިބާ ﷲ ތަޢާލާގެ ރަޙްމަތަށް އެދިއެދި
ހުންނާނެއެވެ. ނަމަވެސް ތިބާ ވަނީ އެއްވެސް
ރަޙްމެއްނެތް ގޮތެއްގައި މައްޔިތުންގެ
ކަށިތައް ބިންދާފައިވާޙާލު އެތަކެތި ކޮނެ
ނަގާ އުކާފައެވެ. ނުވަތަ ކަށި
އޮޅުވާލާފައެވެ.
ތިބާދެކެ ރުޅިންވެސް ތިބާގެ ޤަބުރު
ކޮނެނަގައި އެއްލާލަން ބޭނުންވާނޭ ކިތައްމެ
ބަޔަކުވެސް ތިބޭނެއެވެ. ވީމާ ތިބާ
ދުނިޔޭން ވަކިވުމުގެ ކުރީން މާފަށް އެދޭށެވެ!
އަދި ތެދުވެރި ގޮތުގައި
ތަވްބާވެސްވާށެވެ! އޭރުން ތިބާ މަރުވުމަށްފަހު ކުޑަނަމަވެސް އަރާމެއް
ލިބިދާނެއެވެ. އަދި ޢަޛާބެއް ލުއިވެދާނެމެއެވެ. އެހެން ނޫންނަމަ...
އޭ ﷲ! އަޅަމެންނީ މަރުވުމަށްފަހު
އިހާނެތި ކުރެވޭ ބަޔަކު ކަމުގައި ނުލައްވާނދޭވެ! އަދި އަޅަމެންނަށް
ދުނިޔޭގައްޔާއި ކައްވަޅުގައި އަދި އުޚްރަވީ
ޙަޔާތުގައި ހިމޭންކަމާއި ޘާބިތުކަން
ދެއްވަވާފާނދޭވެ! އާމީން.
|
No comments:
Post a Comment
ޝުޢޫރުފާޅުކުރައްވާ ، ޙިޔާލުދެއްވާ